ބިރުވެރި •

ކަނޑު ތިބާގެ ނަން ގޮވާލާ ހިނދު | އެޕިސޯޑް 1 - ފަޅުން އިވުނު އަޑު

ކަނޑު ތިބާގެ ނަން ގޮވާލާ ހިނދު | އެޕިސޯޑް 1 - ފަޅުން އިވުނު އަޑު

އޭއައި ޖެނެރޭޓެޑް ފޮޓޯއެއް

ފަތިހުގެ ހަމަހިމޭން ވަގުތު، ނިދީގެ ފޮނި މީރުކަން ހޯދަމުންދިޔަ ނައިރާގެ ނިދުމަށް ނިމުމެއް ގެނެސްދިނީ އެނދުގެ ކޮޅުގައި ބާއްވާފައިވާ އޭނާގެ ފޯނެވެ. އެ ފޯނު އެވަގުތު އެ ރިންގުވަނީ ނައިރާއަށް ކޮންކަހަލަގެ ޚަބަރެއް ދޭންބާވައެވެ؟

ފޯނުގެ އަޑާއެކު ނައިރާއަށް ލޯ ހުޅުވާލެވުނެވެ. ނަމަވެސް އައިސްފައިވާ ނިދީގެ ސަބަބުން އޭނާ އެ ފޯނު ނަގާކަށް ޝައުގުވެރިއެއް ނުވިއެވެ. ލޯ ހުޅުވާލައިގެން ފޯނުގެ އަޑު ކެނޑޭތޯ އޮތީއެއެވެ. ތިންވަނަ ފަހަރަށް ފޯނު ރިންގުވަން ފެށުމުން ނައިރާ އެނބުރި ފޯނުނަގާ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ނުދަންނަ ނަންބަރެކެވެ. ނައިރާ ފޫހިގޮތަކަށް ފޯނަށް ޖަވާބުދިނުމަށް ކަންފަތުގައި ޖެހިއެވެ. އެކޮޅުން އިވުނު އަޑާއެކު ނައިރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ފޯނު ބޭއްވީއިރު ނައިރާގެ ލޮލުން ކަރުނަ އައިސްފައިވެއެވެ. ކުޑަ އިރުކޮޅަކު ލިބުނު ޚަބަރުން ގުޑިލަންވެސް ނޭންގިފައި އޭނާއަށް ހުރެވުނެވެ.

ދެލޯފޮހެލަމުން, ފޯނުނަގާ ހެނދުނުގެ ޕްލައިޓްގެ ބުކިންގ ހަދާލިއެވެ. އެނދުން ތެދުވެ ކުޑަގޮތަކަށް ފޮށި ތައްޔާރު ކޮށްލައިގެން އޭނާވެސް ރެޑީވެގެން އެއާރޕޯޓަށް ދިޔައެވެ. ކާރުގަ އެއާރޕޯޓަށް ދިޔަ މަގުމަތީގައި އޭނާ މަސައްކަތްކުރާ އޮފީހުގެ އަންގަންޖެހޭ ފަރާތައް ކުރުގޮތަކަށް 10 ދުވަހުގެ ޗުއްޓީއަކަށް އެދިހުއްދަ ހޯދިއެވެ. ނައިރާގެ މޫނުމަތީގައި ވަނީ ހިތާމަވެރިކަމެވެ. ދޭތެރެއަކުން އޭނާގެ ލޮލުން ކަރުނަ އާދެއެވެ. ނަމަވެސް އެ ކަރުނަ އެހެން މީހަކަށް ފެންނަން އޭނާ ނޭދެއެވެ.

ޕްލައިޓް ލޭންޑްކުރުމާއެކު, ފޮށި ހިފައިގެން ވަރަށް އަވަސް އަވަހަށް އޭނާ މިސްރާބުޖެހީ އޭނާގެ މަންމަގެ ގެއާއި ދިމާލަށެވެ. 6 އަހަރަށްފަހު ނައިރާ އޭނާގެ އުފަން ރަށަށް އައި މިއީ ފުރަތަމަ ފަހަރެވެ.

ސްކޫލު ނިމުމާއެކު އިތުރަށް ކިޔަވަން އޭނާ މާލެ ބަދަލުވިއެވެ. ޑިގްރީ އަށް ކިޔަވަމުން ނައިރާ ވަޒީފާއަށްދާން ފެށިއެވެ. ވަޒީފާގެ ގޮތުން އޭނާއަށް ރަށަށް އަންނަން ފުރުސަތު ނުލިބެއެވެ. މިއަދު އެކަމުގެ ހިތާމަވެސް އޭނާ އެބަ ކުރެއެވެ. އަމިއްލަ ނަފުސާ, ހިތުގައި އެތައް ޝަކުވާތަކެއް ކުރަމުންގޮސް އޭނާގެ މަންމަގެ ގޭގެ ދޮރުމަށްޗަށް އެރިއެވެ. ގޭތެރޭ މެދުގައި ހުދު ފޮތިގަނޑެއްގެ ދަށުގައި އޭނާގެ މަންމަގެ މަގާމު ދެވިފައިވާ އޭނާ ބަލާބޮޑުކުރި މާމަގެ ފުރާނަނެތް މަސްގަނޑު އޮތެވެ. ދެ އަރިމަތީގައި ގޭދޮށު މީހުން އެއްވެ ތިއްބެވެ.

ނައިރާ ފާތުމާދީ އާއި ދިމާއަށް ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލާލިއެވެ. ފާތުމާދީ  އައިސް ނައިރާގެ ގައިގައި ބައްދާލިއެވެ. އަދި ފަތިހު މާމަގެ ޚަބަރެއް ނުވެގެން ގެއަށް އައި އިރު މާމަ މި ދުނިޔެ ދޫކޮށްފައިވާ ކަމަށް ފާތުމާދީ ކިޔާދިނެވެ. ފާތުމާދީ އަކީ އެންމެ ގާތްކަން ބަހަށްޓާ އަވަށްޓެރިޔާއެވެ. ފާތުމާދީ ގެއަށްއައިސް މާމަ އާއެކު ނޫޅޭ ހަނދާނެއް ނައިރާ ނުހުރެއެވެ. ނައިރާ ކުޑަކުޑަ އިރު ނައިރާގެ މަންމަ އާއި ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންކަމުން ނައިރާ ބަލާބޮޑު ކުރީ ނައިރާގެ މާމައެވެ.

ނައިރާ އެންމެ ފަހުފަހަރަށް އޭނާގެ މާމަގެ މޫނު ދެކިލަން ބޭނުން ވިއެވެ. އޭނާ މާމަގެ ހަށިގަނޑުގެ ކައިރީ އިށީނެވެ. މާމަގެ މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑު ނެގުމަށް ފޮތިގަނޑުގައި ހިފި ވަގުތު ފާތުމާދީ ނައިރާގެ އަތުގައި ހިފިއެވެ. އަދި މޫނު ނުބެލުމަށް އެދުނެވެ. ނަމަވެސް ނައިރާ އެކަމާދެކޮޅު ހެދުމުން ފާތުމާދީ ފަހަތައް ޖެހުނެވެ. މާމަގެ މޫނުމަތިން ފޮތިގަނޑު ނެގި ވަގުތު ހީވީ ނައިރާގެ ހިތަށް ފިނިފެން އެއްޗެއް ބަންޑުންވި ހެންނެވެ. ނައިރާގެ އަތް ފޮތިގަނޑުންދޫވެ މާމަ އާއި ދުރަށް ޖެހެވުނެވެ. އަދި ފާތުމާދީ އާއި ދިމާއަށް ބަލާލެވުނެވެ. ފާތުމާދީ އަވަހަށްގޮސް މާމަގެ މޫނު މަތީގައި ފޮތިގަނޑު އެޅިއެވެ.

ނައިރާއަށް ލިބުނު ސިހުމާއެކު ގަތް ބިރުން ގުޑިލަންވެސް ނޭންގިފައި ހުރެވުނެވެ. އެއީ އޭނާ ދުވަހަކުވެސް މާމަގެ މޫނު ދެކިފައިނުވާ ބިރުވެރި ސިފައެވެ. މާމަގެ ދެލޯ އޮތީ ބޮޑުވެ ނުކުމެފައެވެ. އަނގަ ތަންމިނަށް ހުޅުވިފައި ވީއިރު މޫނު ވަނީ ކަޅުވެފައެވެ. ނައިރާގެ ހާލަތުފެނި ފާތުމާދީ މާމަގެ ކަފުންކުރުމާއި ވަޅުލުމުގެ ކަންތައް އަވަސްކުރުމަށް ރަށު ރައްޔިތުންގެ ކައިރީގައި އެދުނެވެ. އިސާހިތަކު މާމަ ހިނަވައި ކަފުންކޮށް މާމަގެ މަށްޗައް ކަށުނަމާދު ކޮށްފިއެވެ.

މާމަގެ ޖަނާޒާގެ ކަންތައް ނިމިގެން ގެއަށް އާދެވުނު އިރު ގަޑިން މެންދުރު އެއްގަޑި ބައިވަނީއެވެ.

ނައިރާ އަދިވެސް ވިސްނަމުންދަނީ މާމަގެ އެ ބިރުވެރި މޫނާއި ދޭތެރޭގައެވެ. މާމަގެ އެ ކުއްލި މަރުގެ ސަބަބުން އޭނަގެ ސިކުނޑީގައި އެނބުރެންފެށީ އެތަކެއް ސުވާލުތަކެކެވެ. މާމައަށް އެންމެ ފަހުވަގުތުގައި އެވީ ކިހިނެއް ހެއްޔެވެ؟ ފެނުނީ ކޯއްޗެއްބާވައެވެ؟ މީގެ އެއްދުވަސް ކުރިންވެސް މާމަ އައި ގުޅައިގެން ވާހަކަދެއްކިއިރު މާމަގެ ހާލު ރަނގަޅުކަމަށް ބުނިކަން ނައިރާ ހަނދާނަށް އައެވެ. މިހުރިހާ ކަމަކާ ވިސްނަމުން ނައިރާ ފޮށި ހިފައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ.

ނައިރާގެ މާމަގެ ގެހުންނަނީ ރަށުގެ އަތިރިމައްޗާއި ދާދި ކައިރީގައެވެ. އަދި އެ ގެއަކީ ކުރީޒަމާނުގެ ހިރިގަލުން ހަދާފައިވާ ގެއެކެވެ. ގޭގެ އެތެރެ ޒަމާނާއި އެއްގޮތައް ކޮންމެވެސް ވަރަކަށް ހަދާފައިވީ ނަމަވެސް އެއީ ނައިރާ ބައްޕަ ދުނީޔޭގައި ކޮށްފައިވާ މަސައްކަތްތަކެކެވެ. އެހެން ކަމުން ބަލާބެލުމަށް އެ ގެ ފެންނަނީ ދުވަސްވެފައިވާ ގެއެއްހެނެވެ. ގޯތިތެރޭގައި ގެ އިންނަނީ ކުޑަ ތަންކޮޅެއްގައެވެ. ގޭގެ ބިއްދޮށުގައި އެކި ވައްތަރުގެ ގަސްތައް މާމަ ހައްދާފައިވެއެވެ. ބިޔަ ގަސްތަކެއްވެސް އޭގެތެރޭގައި ވެއެވެ. އެހެންކަމުން ރޭގަނޑު އެ ގޯތިތެރެ އޮންނަނީ އަނދިރިކޮށެވެ.

ނައިރާ ފެންވަރައިގެން ނުކުމެ އެނދުގައި އޮށޯވެލިއެވެ. ވެފައިވާ ވަރުބަލި އިހުސާސުވީ ދެނެވެ. އިސާހިތަކު ނިދިޖެހިއްޖެއެވެ.

'ދަރިފުޅާ ނައިރާ…'

މާމަގޮވާލި އަޑާއެކު ނައިރާއަށް ހޭވެރިކަން ވިއެވެ.

'މާ…މާ…؟'

މާމަ ނެތްކަން ހަނދާންވުމާއެކު ނައިރާއަށް ސިއްސައިގެންގޮސް އެދުން ތެދުވެވުނެވެ. އަޑު ޔަގީނުންވެސް އިވުނީ އޭނާގެ ކޮޓަރިތެރެންނެވެ. ނައިރާ ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތެވެ. ކޮޓަރިތެރެ ފެންނަނީ އަނދިރިކޮށެވެ. ކޮޓަރީގެ ކުޑަދޮރުން ކޮންމެވެސް ވަރަކަށް އަލި ފޫއްދިފައިވެއެވެ. ކުޑައިރުކޮޅަކު ވިސްނާލުމަށް ފަހު މާމަ މަތިން ހަނދާންވާވަރުން ހީވިގޮތެއް ކަމަށް ނިންމައި ކޮޓަރީގެ ބޮކި ދިއްލާލިއެވެ.

ފޯނުނަގާ ގަޑި ބަލައިލިއިރު ގަޑިން އިރުއޮށްސި ހަތެއް ޖަހައިފިއެވެ.

ނައިރާ ގެއިން ނުކުމެ މިސްރާބުޖެހީ އަތިރިމައްޗާއި ދިމާލަށެވެ. ވަގުތައް އެއްވެސް ސަމާލުކަމެއްނުދީ އޭނާ އެ ދިމާލަށް އެދަނީ އޭނާގެ ޅައިރުގެ ދުވަސްތަކާއި ލޯބިވާ މާމަ މަތިން ހަނދާންކުރަމުންނެވެ. ގޮނޑުދޮށުގައި އިށީންދެލައިގެން ތަރިތަކަށް ބަލަން ނައިރާ އިނެވެ. އޭނާއަށް ކަނޑުން އަންނަ ރީތި ފިނި ވައިރޯޅީގެ އަރާމުކަން ލިބި ލިބި ހުއްޓެވެ. ހަމަހިމޭން ތަންތަނުގައި ހުރުމަކީ ނައިރާ ނިކަން ގަޔާވާކަމެވެ. މާމަ ދުނިޔޭގައި ނައިރާއަށް ރޭގަނޑު އެހެން އައިސް ގޮނޑުދޮށުގައި ހުރުމަކަށް ހުއްދައެއް ނޯވެއެވެ. ވާނީވެސް އެހެންނެވެ. އެ ރަށުގައި ވެސް އެތަކެއް ބޯދާ ވާހަކައެއް މުސްކުޅިވެރިން ފަތުރާފައި ވެއެވެ. 

'ނައިރާ…" މުދާ ދިމާއިން އައި ބީރައްޓެހި އަޑާއެކު ނައިރާ އަށް އެދިމާލަށް ބަލާލެވުނެވެ. ލިބުނީ ކުއްލި ސިހުމެކެވެ. 

މޫދުގައި މީހަކު ހުރިތަން ނައިރާއަށް ފެނުނެވެ. ރަނގަޅަށް ބަލާލުމުން އެ މީހަކު ހުރީ އޭނާއަށް ފުރަގަސްދީގެންކަން ފާހަގަވިއެވެ. ދިގު ކަޅު އިސްތަށި ގަނޑާއި ރަތް ހެދުމުން އެއީ އަންހެނެއްކަން ޔަގީންވިއެވެ. އެމީހަކު ހުރީ ކަކުލު ފެނަށް އެރިއެވެ. ނައިރާއަށް ބޭއިޚްތިޔާރުގައި ކާކުތޯ އަހާލެވުނެވެ. އެ މީހަކު ހުރިތާ ހުރެ އޭނާގެ ކަރު ނައިރާއާއި ދިމާލަށް އަނބުރަން ފެށިއެވެ. އަނބުރަމުންގޮސް އިންސާނަކަށް ކަރު ނޭންބުރޭނެހާ އާދަޔާ ޚިލާފު ބިރުވެރި ގޮތަކަށް އެމީހަކު ކަރު އަނބުރާލި އެވެ. މިހާރު އެ މީހެއްގެ މޫނު ހުރީ ނައިރާ އާ ވީ ފަރާތަށެވެ. އެކަމަކު އޭނާގެ ހަށިގަނޑު ހުރީ އަނެއްފަރާތަށެވެ. އެ މޫނުގައިވާ ބިރުވެރި ހިނިތުންވުންފެނި ނައިރާއަށް ބޭއިޙްތިޔާރުގައި ހުރިތަނުން ތެދުވެވުނެވެ.

ނުނިމޭ…

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް