ޚިޔާލީ •

އާރާ | އެޕިސޯޑް 7

އާރާ | އެޕިސޯޑް 7

ހުސްނާ އާއި ވަހީދު ބަލަބަލައި ހުއްޓައި ވަހީދު ވަޅުލި ފުޅި ވެލިގަނޑުގެ ތެރެއިން ނުކުމެ މައްޗަށް އެރިއެވެ. އަދި ފެލިކުލައިގެ އަލިކޮޅަކާއެކު އެ ފުޅި ތަޅައިގެން ދިޔައެވެ. ވަހީދު އާއި ހުސްނާއަށް ލިބުނު ސިހުމާއެކު ހުރި ތަނަށް ތިރިވެވުނެވެ. އެވަގުތު ފެހި ވިދުވަރާއެކު ކަޅު ދޫންޏެއް އައިސް ގޭގެ މަތީ ވަށާ އެނބުރެން ފެށިއެވެ. އާރާ އާއި އޭނާގެ މައިންބަފައިންނައްވެސް ބޭއިޙްތިޔާރުގައި އެ ދޫންޏަށް ބަލަން ތިބެވުނީ އެވެ. 

ތިން މީހުން ވެސް ތިބީ ބިރުން ގުޑިލަން ނޭނގުނުތާންގައި ހަދާނެގޮތް ވެސް ހުސްވެފައެވެ. ގޭގެ މަތީގައި ތިން ބުރު ޖެހުމަށް އެ ދޫނި އުދުހިގަތީ އާރާ އާއި ދިމާއަށެވެ. އާރާއަށް ފަހަތަށް ޖެހެވުނެވެ. ދޫނި އައިސް އާރާގެ ކުރިމައްޗައް ތިރި ކޮއްލަމުން އޭތީގެސިފަ ބަދަލުކޮށްލިއެވެ. އާރާ އަށް އެ މީހާއާއި ދިމާލަށް ފުންކޮށް ބަލާލެވުނެވެ. އިސްކޮޅުންދިގު ރީތި ސޫރައެކެވެ. މޫނުމަތިން އިންސާނަކާ ތަފާތެއްނެތެވެ. ލޮލުގެ ކަޅި ހުރީގަދަ ރަތްކުލައިގައެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ހުރީ ކޮނޑާއި ހަމައަށް ދިގުކޮށެވެ. ލައިގެން ހުރީ ކަޅުކުލައިގެ ފޭރާމެކެވެ. އެ ސޫރައިގެ ފަހަތުގައި ފެހިކުލައިގެ ވިދުވަރެއްހުރި ބޮޑުކަޅު ދެ ފިޔަގަނޑު ހުއްޓެވެ. ފިޔަގަނޑު ހުޅުވާލައިފައި ހުރިއިރު ގޭގެ ގޯތީގެ ބޮޑުބައެއް ފުރިފައިވަނީ އެ ފިޔަގަނޑުންނެވެ. އާރާއަށް ސިފަވީ އޭނާއަށް ފެންނަމުން އައި ދޫންޏެވެ. 

ބިރުގަނެފައި ވީނަމަވެސް އާރާއަށް އެ މީހާގެ ދެލޮލުން ފެންނަމުން ދަނީ ހިތާމައެވެ. އާރާއަށް ވިސްނާކަށް ފުރުސަތެއް ނުލިބުނެވެ. އެ މީހާއައިސް އާރާ ނަގާ އަތްދަނޑިމައްޗައް ލައިގެން އުދުއްސައިގަތެވެ. އާރާ ބިރުން ހަޅޭއްލަވަމުން އެ މީހާ ގައިގައި ބާރަށް ބައްދާލިއެވެ. ވެއްޓިދާނެތީއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ބާރު ދުވެލީގައި ގޮސް އެ މީހަކު ތިރިކޮށްލީ ފަޅުރަށެއްގެ ގޮނޑުދޮށަށެވެ. 

އާރާ އަދިވެސް އޮތީ ލޯމަރައިގެން އެމީހާގެ ގައިގައި ބާރަށް ބައްދާލައިގެން ނެވެ. އޭނާ އިރުކޮޅަކު އާރާގެ މޫނަށް ބަލަންހުރެފައި އޭނާގެ އަތުން އާރާގެ މޫނުގައި ފިރުމާލިއެވެ. މަޑު ފިނި އަތުގެ ބީހުމާއެކު އާރާ ލޯ ހުޅުވާ ބަލާލިއެވެ. ފުރަތަމަވެސް އާރާގެ ލޮލުގައި އަޅައިގަތީ ކަރުނައިން ފުރިގެންވާ އެ ދެލޮލެވެ. އާރާއަށް ބޭއިޚްތިޔާރުގައި އެ ލޮލުގެ ކަރުނަތަށް ފޮހެލެވުނެވެ. އެ މީހާގެ ކިބައިން އާރާ ބިރު ގަންނަވަރުގެ އެއްވެސް ސިފައެއް ނެތެވެ. ހިނގާދިޔަ ކަންކަމުގެ ސަބަބުން އާރާ މިހާރު ބޭނުންވަނީ ހަގީގަތް ހޯދާށެވެ. 

14 ވިލޭރޭގެ ހަނދުގެ އަލިން ރަށުގެ ގޮނޑުދޮށުގެ ވެލިގަނޑު ވަނީ ރަންކުލައިން ދިއްލިފައެވެ. އާރާ މަޑުމަޑުން އެ މީހާގެ އަތްދަނޑިމަތިން ވެލިގަނޑު މައްޗައް ފޭބިއެވެ. ވެލިގަނޑުމައްޗައް ފޭބުމާއެކު އާރާ އަށް ތަފާތު އިހުސާސެއްކުރެވުނެވެ. ހީވި ކަހަލަ އެއީ އާރާއަށް އާތަނެއްނޫނެވެ. އާރާ ވަށައިގެން އެނބުރެ ބަލަންފެށިއެވެ. "އަހަރެން މިތަނަށް އައިތަ އެއްއިރަކުވެސް؟". އާރާ ވިސްނަން ހުރެފައި އެ މީހާއާއި ސުވާލު ކުރިއެވެ. އެމީހާ ކަޅިޖަހާނުލާ އާރާއަށް ބަލަންހުރެފައި، އަރާކުރި ސުވާލުން ކުޑަކޮށް ސިހުނެވެ. 

އާރާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އެ މީހާ ކުރީ ސުވާލެކެވެ. "މިހާރު އަހަރެން ދެކެ ބިރެއްނުގަނޭތަ؟" އާރާ އެ މީހާ ދިމާއަށް ބަލާލިއެވެ. "ހޫމްމްމް… ތީ އެހާބިރުވެރި ސިފައެއް ނޫން. އެކަމަކު އަހަންނަކަށް މި ވާނުވާއެއް ނޭނގޭ." އާރާ މަޑުމައިތިރި ކަމާއެކު ޖަވާބުދިނެވެ. އެ މީހާގެ މޫނުމަތިން އާރާއަށް ފުރަތަމަ ފަހަރަށް ހިނިތުންވުމުގެ އަސަރުފެނުނެވެ. އާރާއަށް ނެނގޭކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ. ހަމައެއާއެކު ހިތުގައި ސުވާލު އުފެދުނެވެ. "އޭނާ ހިނިތުންވުމުން އަހަރެންގެ ހިތްހަމަ ޖެހެންވީ ކީއްވެ؟"

"އަހަރެންނަށް ކިޔަނީ އިފްރާން… އާރާތީ އަހަރެންގެ ލޯބި...ވެ…" އިފްރާންއަށް ބުނެވުނީ އެހާހިސާބަށެވެ. ނޭވާލާން އުނދަގޫ ވެގެން މޭގައި އަތްއަޅައިގެން ހުރެ ކަކޫމައްޗައް އޭނާ ތިރިވިއެވެ. އާރާ ހައިރާންވިއެވެ. އާރާ ހުރީ ތަންކޮޅެއް ދުރުގައި ކަމުން ބާރަށް އައިސް އިފްރާންގެ ކައިރީ އޭނާ ހުއްޓުނެވެ. "ކިހިނެއްތި ވަނީ؟" އާރާ ހާސްވެފައި ސުވާލުކުރިއެވެ. ވަރަށް އުނދަގުލުން އިފްރާން ޖަވާބުދިނެވެ. "އެމީހުން… ފަންޑިތަހަދަނީ…"

އިފްރާންގެ އެ ޖަވާބުން އާރާ ކުއްލިއަކަށް މަންމަ އާއި ބައްޕަ މަތިން ހަނދާންވިއެވެ. އިފްރާން ކުޑަކޮށް ހަމައަކަށް އެޅުމުން ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. "އަހަރެން.. އަދިވެސް އެއްކޮށް ގަދައެއްނުވޭ. އެމީހުން ދައްކާ ވާހަކަ އާރާ ގަބޫލު ނުކުރާތި. އެ މީހުން އެ ހަދަނީ ހުސްދޮގު. މިރޭ އަހަރެން އާރާ އަދި އެމީހުން ކައިރިއަށް ގެންދާނަން. އަހަރެންނަށް އެ މީހުންނާއި ކުރިމަތިލެވޭހާ ބާރު ލިބުމުން އެނބުރި އަންނާނަން. އާރާ އަހަންނަށް އިންތިޒާރު ކުރާތި." 

"އަހަރެންނާއި އިފްރާންއާއި އޮތީ ކޮންގުޅުމެއް؟ އަހަރެން އަދި އަލަށް އިފްރާންއާއި މި ބައްދަލްވީ. އެކަމަކު އިފްރާންގެ ވާހަކައިން ހީވަނީ އަހަރެން އިފްރާން ދަންނަހެން. އިފްރާން ދޮގުހަދާހެނެއް ހީއެއްނުވޭ. އެކަމަކު މަންމަމެންގެ ވާހަކަ ގަބޫލުނުކުރަން ތިބުނަނީ ކީއްވެ؟" އާރާ ބޮލުގައި އަތްއަޅައި ބާރުކޮށްލަމުން ސުވާލުފަތި އަމުނާލިއެވެ. އިފްރާން އާރާ ކައިރިކޮށްލިއެވެ. ބޮލުން އަތްދުރުކޮއްލުވިއެވެ. އަދި ވަރަށް ލޯބިން އާރާއާއި ވާހަކަދައްކަން ފެށިއެވެ. "އެއްފަހަރާ ހުރިހާކަމެއް ވިސްނަން މަސައްކަތް ނުކުރޭ. ހުރިހާ ވާހަކައެއް ކިޔާދެން ބޭނުން. އެކަމަކު ވަގުތެއް ނެތް. އާރާ މިހާރު އެމީހުން ކައިރިއަށް ނުގެންގޮސްފިއްޔަ އެމީހުން އަހަރެންގެ ދުވަސް ދުއްވާލާނެ. އަހަރެންނަށް އަދި އެމީހުންގެ އެ ބާރުގަދަ ފަންޑިތައާއި ކުރިމަތިލެވޭކަށް ނެތް. މާފްކުރޭ އަހަންނަށް އާރާ."

އާރާ ގޮވައިގެން އިފްރާން އުދުއްސައިގަތެވެ. އިސާހިތަކު އާރާގެ ގޭގެ ބެލްކަންޏަށް އޭނާ އާރާ ބޭލުވިއެވެ. "އަހަރެން އަންނާނަން އާރާ ބަލާ…" މިހެން ބުނުމާއެކު އޭނާ އުދުހިގޮސް އާރާގެ ލޮލަށް ނުފެންނަވަރަށް އޮބާލައިފިއެވެ. އާރާ ހުރެވުނީ ބަލާށެވެ. އެ ހިތް އިފްރާންއާއި ވަކިވަން ނޭދޭ ކަހަލައެވެ. އާރާގެ ބޮލަށް ކުއްލިއަކަށް ތޫނު ތަދެއްވިއެވެ. ބޮލުގައި ހިފާ އޭނާއަށް ތިރިވެވުނެވެ.

ނުނިމޭ...

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް