ޚިޔާލީ •

އާރާ | އެޕިސޯޑް 8

އާރާ | އެޕިސޯޑް 8

އާރާ ގޮވައިގެން އިފްރާން އުދުއްސައިގަތެވެ. އިސާހިތަކު އާރާގެ ގޭގެ ބެލްކަންޏަށް އޭނާ އާރާ ބޭލުވިއެވެ. "އަހަރެން އަންނާނަން އާރާ ބަލާ…" މިހެން ބުނުމާއެކު އޭނާ އުދުހިގޮސް އާރާގެ ލޮލަށް ނުފެންނަވަރަށް އޮބާލައިފިއެވެ. އާރާ ހުރެވުނީ ބަލާށެވެ. އެ ހިތް އިފްރާންއާއި ވަކިވަން ނޭދޭ ކަހަލައެވެ. އާރާގެ ބޮލަށް ކުއްލިއަކަށް ތޫނު ތަދެއްވިއެވެ. ބޮލުގައި ހިފާ އޭނާއަށް ތިރިވެވުނެވެ.

ގޭގެ ސިޓިންރޫމުގައި މުދިންބެ ކިޔަވަން އިނެވެ. ދާދި ކައިރީ ވަހީދު އާއި ހުސްނާ ވެސް ކެއްމަދުވެފައި ތިއްބެވެ. ހުސްނާއަށް އިރުއިރުކޮޅާ ރޮވެއެވެ. ގިސްލެވެއެވެ. އޭނާގެ ލޯބިވާ ދަރިފުޅު ނުފެނި އުޅެނިކޮށް ފަތިސްވަގުތުވާން ކައިރިވަނީއެވެ. ވަހީދުވެސް މުދިންބެއާއި ދިމާލަށް ނާއުންމީދީ ނަޒަރަކުން ބަލާލިއެވެ. މުދިންބެ ކުއްލިއަކަށް ލޯހުޅުވާލިއެވެ. "އެ މަންޖެ އެބަހުރި ބެލްކަނީގަ" މުދިންބެ އިޝާރާތުން ދައްކަމުން ބުނެލިއެވެ. ހުސްނާ ވަގުތުން ބެލްކަންޏާއި ދިމާއަށްދާން މިސްރާބުޖެހިއެވެ.  

ބެލްކަނީގައި އާރާ ބޮލުގައި ބާރަށް ހިފާޓައިގެން ތިރިވެ ހުއްޓެވެ. ހުސްނާގޮސް އާރާގެ ގައިގައި އޮޅުލައިގަތެވެ. "މަގޭ ދަރިފުޅާ…" ހުސްނާ އަށް ރޮވުނެވެ. ވަހީދު ފަހަތު ހުރެފައި ތިރިއަށްގޮސް މުދިންބެ ކައިރީކިޔެވުން ހުއްޓަން އެދުނެވެ. މުދިންބެ ތެދުވެ ކިޔަވަން ގެންގުޅުނު ފޮތް ލައްޕާލިއެވެ. "އަދި މި ނިމުނީކީ ނޫން. މިވަގުތަށް މުދިންބެ މިދަނީ. ރަނގަޅު އެއްޗެއް ތައްޔާރު ކުރާނަން." ވަހީދުގެ ބުރަކަށީގައި ފިރުމާލަމުން މުދިންބެ ވާހަކަ ދެއްކިއެވެ. ވަހީދު އިސްދަށަށް ޖަހާލައިގެން ހުރީއެވެ. އަދި މި ފެށުނީކަން އޭނާއަށް އެނގޭކަހަލައެވެ.

މުދިންބެގެ ކިޔެވުން ހުއްޓުމާއެކު އާރާގެ ބޮލުން ތަދުފިލައިފިއެވެ. ހުސްނާގެ އަތްމަށްޗައް ހަބަރު ހުސްވެގެން އާރާ ވެއްޓުނެވެ. އޭރުވެސް ހުސްނާ ހުރީ އާރާގައިގައި ބާރަށް ބައްދާލައިގެންނެވެ. ހުސްނާ ވަހީދަށް ގޮވައި ގެނެސް އާރާ އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ. ލިބުނު ސިހުމުގެ ސަބަބުން އާރާއަށް ވީގޮތެއްކަމުގައި ވަހީދު ބުންޏެވެ. "އަހަރެންގެ ދަރިފުޅު… ހޭއެރީމަ އެތަކެއް ސުވާލު ކުރާނެކަން ޔަގީން." ހުސްނާ ގިސްލަމުން ބުނެލިއެވެ. "އިހަށްދެން ތިވާހަކަ ބާއްވާ. ފަތިސް ނަމާދަށް އަހަރެން މިދަނީ. ހުސްނާވެސް ދެންދޭ ނަމާދުކޮށްލައިގެން އަރާމުކޮށްލަން." ވަހީދު ، ހުސްނާގެ ވާހަކަ މެދުކަނޑާލިއެވެ.

އައު ދުވަހަކަށް އިރު ފެނުންތޮޅިލާފިއެވެ. އާރާ ވާޅަށް ދެމިލަމުން ލޯ ހުޅުވާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހީވަނީ ވަރަށް އަރާމު ނިންޖަކުން ހޭލިހެންނެވެ. ރޭގެ ކަންތައްގަނޑު ހަނދާން ހުރިހެން ހީއެއްނުވެއެވެ. އާރާ ތެދުވެ ގަޑި ބަލާލިއެވެ. "އަސްތާ!! 10 ޖެހީމިހާރު؟" އަމިއްލަ މީހާއާއި އޭނާ ސުވާލުކޮށްލިއެވެ. އަވަސްއަރުވާލައިގެން ފެންވަރާ ރީތިވެލައިގެން އާރާ މަންމަ ގާތަށްދިޔައެވެ. "މަންމާ… ކޯޗެއް ސައިބޯން ހުރީ؟ ނުވެސް ގޮވަމެއްނު މިއަދު." އާރާ ހިނިތުންވެ ހުރެ ވާހަކަ ދެއްކުމުން ހުސްނާ ހައިރާންވިއެވެ. އެކަމަކު ރޭގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ އާރާ ކައިރީދައްކަން ހުސްނާ ފަސްޖެހުނެވެ. 

"މަންމައަށް ވެސް ހޭލެވުނީ ތަންކޮޅެއް ލަހުން. އެހެންވެ ރިހާކުރު ކުޅިކޮށްފަ ހުނިރޮށި ފިހުނީ". ހުސްނާ ހަމަޖެހިލަމުން ބުނެލިއެވެ. އާރާ ތައްޓަށް ރިހާކުރު އަޅައިގެން ހުނިރޮށްޓެއް ހިފައިގެން ކާމޭޒު ދޮށުގައި އިށީނދެ ކާންފެށިއެވެ. ވަހީދު ގެއަށްއައުމުން ހުސްނާ އަވަސް އަވަހައް ސިޓިންރޫމަށް ގޮސް ސިއްރު ސިއްރުން ވަހީދުކައިރީ ވާހަކަ ދެއްކިއެވެ. "ވަހީދޫ އަހަރުމެންގެ ނަސީބު އަތުގަ ހިފާފި. އާރާ ރޭގަވީ އެއްވެސް ކަމެއް ހަނދާނެއްނެތް.". ވަހީދުގެ މޫނު މަތިވެސް އުޖާލާވިއެވެ. ހިތާހިތުން މާތް ﷲ އަށް ޝުކުރުއަދާކުރިއެވެ. "ކުރިންފަހަރުވެސް ސަލާމަތްވީ ހަމަ އެމަންޖެ ހަނދާންނެތުނީތީ ދޯ؟" ވަހީދު ބުނެލިއެވެ.

ސިޓިންރޫމާއި ޖެހިގެން ކާތަން ހުރުމުގެ ސަބަބުން އެދެމީހުން ދެއްކި ވާހަކަ އާރާއަށް އަޑުއިވުނެވެ. އާރާ ރޭގައިވީ އެއްވެސް ކަމެއް ހަނދާނެއްނުނެތެއެވެ. އޭނާ މިހާރު ބޭނުންވަނީ ހަގީގަތް ހޯދާށެވެ. އިފްރާން ދެއްކިވާހަކައިން އާރާއަށް ކަންތައްތަކެއް ޝައްކުވާތީއެވެ. މިފަހަރު މަންމައާއި ބައްޕަ އެ ދެއްކި ވާހަކައިން އާރާއަށް އޭނާގެ ކުޑައިރުގެ ހަނދާންތައް ނުހުންނަނީ ކީއްވެގެންކަން ކޮންމެވެސް ވަރަކަށް އެނގުނެވެ. ނަމަވެސް ހަނދާންނެތެން ދިމާވި ސަބަބެއް އޮޅުންފިލާގޮތެއް ނުވިއެވެ. އާރާ ގަސްތުުކުރީ މިވަގުތަށް އެންމެނަށް އޮޅުވާލައިގެން އުޅޭށެވެ. 

ދުވަސްތައް ވޭތުވަމުންގޮސް އެރޭގެ ފަހުން ދެ އަހަރުވެއްޖެއެވެ. އާރާއަށް މި ދެއަހަރުގެ ތެރޭގައި އިފްރާންގެ އެއްވެސް ހަބަރެއް ނުވެއެވެ. އެކަމާ ހިސާބަކަށް އާރާ ކަންބޮޑުވެސް ވެއެވެ. ނަމަވެސް ކަންބޮޑުވާންވީ ސަބަބެއް އާރާއަކަށް ނުވިސްނުނެވެ. އެހެނީ އިފްރާންއަކީ އޭނާ މާބޮޑަށް ދަންނަ މީހެއްވެސް ނޫނެވެ. އިންސާނެއްވެސް ނޫނެވެ. އެކަމަކުވެސް ބޭއިޚްތިޔާރުގައި އޭނާއަށް އިފްރާން އާއި ދޭތެރޭ ވިސްނެއެވެ. ބައެއްފަހަރު މުދިންބެ އޭނަ މަރާލީބާއޭވެސް ހިތަށް އަރައެވެ. 

އާރާގެ އުމުރުން 20 އަހަރެވެ. އާރާއަކީ މިހާރު ރަށުއޮފީހުގެ މުއައްޒަފެކެވެ. އެތަނުގައި މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިން ދުވަސްވެއްޖެއެވެ. އެ އޮފީހުގެ އެންމެ ޅަމުއައްޒަފަކީ އާރާކަމުން ހުރިހާ މީހުންވެސް އާރާއަށް ވަރަށް ރަނގަޅަށް ހިތައެވެ. އާދައިގެމަތިން އާރާ އޮފީހައްދާން ގެއިންނުކުތެވެ. ފަރިވެލައިގެން އޮފީސް ހެދުމުގައި ހުރިއިރު އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. މަގުމަތިންދާހާ މީހެއްގެ ބެލުންތަށް އަމާޒުވެފައި ހުންނަނީ އޭނާއާއި ދިމާލަށެވެ. ނަމަވެސް އޭނާއަށް މި ބެލުންތަކުގެ ސަބަބުން އުނދަގޫވެއެވެ.

އާރާ އޮފީހަށްވަދެ މޭޒުދޮށުގައި އިށީނދެ މަސައްކަތާއިގެން ކުރިއަށްދާން ފެށިއެވެ. އާރާގެ މައިގަނޑު މަސައްކަތަކަށް އޮންނަނީ ކުރީގެ ފޮތްތަކުގައި ރެކޯޑު ކުރެވިފައި ހުރި މައުލޫމާތުތަށް ކޮންޕިއުޓަރުގައި ޓައިޕްކުރުމެވެ. މިއަދު އާރާ ހުޅުވާލީ 1995 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުދިންގެ މައުލޫމާތު ފައިލެވެ. އެ ފައިލުގައި ހުރި މައުލޫމާތުތައް ބަލަމުންދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ނަން ބަދަލުކޮށްފައިވާ ކުއްޖެއްގެ ލިޔުމަކަށެވެ. އެލިޔުމުގައިވަނީ 2007 ވަނަ އަހަރު އައިޝަތު ހިބާގެ ނަން އައިޝަތު އާރާ އަށް ބަދަލުކޮށްފައިވާ ކަމެކެވެ.

ނުނިމޭ...

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް