ބިރުވެރި •

ކަނޑު ތިބާގެ ނަން ގޮވާލާ ހިނދު | އެޕިސޯޑް 2 : އާދަޔާ ޚިލާފު ފޮތް

ކަނޑު ތިބާގެ ނަން ގޮވާލާ ހިނދު | އެޕިސޯޑް 2 : އާދަޔާ ޚިލާފު ފޮތް

އެ މީހަކު ހުރިތާ ހުރެ އޭނާގެ ކަރު ނައިރާއާއި ދިމާލަށް އަނބުރަން ފެށިއެވެ. އަނބުރަމުންގޮސް އިންސާނަކަށް ކަރު ނޭންބުރޭނެހާ އާދަޔާ ޚިލާފު ބިރުވެރި ގޮތަކަށް ކަރު އަނބުރާލި އެވެ. މިހާރު އެ މީހާގެ މޫނު ހުރީ ނައިރާ އާ ވީ ފަރާތަށެވެ. އެކަމަކު އޭނާގެ ހަށިގަނޑު ހުރީ އަނެއްފަރާތަށެވެ. އެ މޫނުގައިވާ ބިރުވެރި ހިނިތުންވުންފެނި ނައިރާއަށް ބޭއިޙްތިޔާރުގައި ހުރިތަނުން ތެދުވެވުނެވެ.

އެ މަންޒަރުފެނި ނައިރާ ބިރުން ގެއާއި ދިމާއަށް ދުއްވައިގަތެވެ. ނައިރާއަށް ގެއާހިސާބައް އާދެވުނު އިރުވެސް މީހަކު ފަހަތުގައި ހުރިހެން އޭނާއަށް އިޙްސާސުވެއެވެ. ފަހަތަށް ބެލުމެއްނެތި ގެއަށްވަދެ ދޮރުގައި ތަޅުލިއެވެ. ގެއަށް ވަނުމާއެކު ފަހަތުގައި މީހަކު ހުރިކަމުގެ އިޙްސާސް ފިލައިފިއެވެ. ނައިރާ މައިނޭވާލަމުން ގޭތެރެއަށްވަދެ ފެންތައްޓެއް އަޅާލިއެވެ. ފެންތަށި ހިފައިގެން އައިސް ސިޓިންގ ރޫމުގައި އިށީނެވެ. އަދި ފެނުނު ބިރުވެރި މަންޒަރާމެދު ވިސްނާލެވުނެވެ. އަދިވެސް އޭނާހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. މާމަ ރޭގަނޑު ގޮނޑުދޮށަށް ދިއުން މަނާކޮއްފައި އޮންނަ ސަބަބު އޭނާއަށް މިއަދު ވިސްނިއްޖެއެވެ. ދުވަހަކުވެސް އެތަނަށް ރޭގަނޑު ނުދިއުމަށް ނިންމިއެވެ.

ނައިރާއަށް އެރޭ ނިދަން އުނދަގޫ ވިއެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅިވެސް ނިދޭގޮތެއް ނުވިއެވެ. ހަމަ އެ ބިރުވެރި މީހާގެ މޫނު ލޯ ކުރިމަތިން ސިފަވަނީއެވެ. އެންމެ ފަހުން ނުނިދުނު ކަމަށް ބަލާފަ ކޮޓަރިން ނުކުމެއްޖެއެވެ. ކޮޓަރިން ނުކުމެ ސިޓިންގރޫމް އާއި ދިމާލަށް މިސްރާބު ޖެހިތަނާ މާމަގެ ކޮޓަރިން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ސިހިފައި ނައިރާއަށް އެ ދިމާލަށް ބަލާލެވުނެވެ. މާމަގެ ކޮޓަރި ހުންނަނީ ނައިރާގެ ކޮޓަރި ކުރިމައްޗަށް ވާގޮތަށެވެ. އަދި ބޭއިޚްތިޔާރުގައި ގޮސް މާމަގެ ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ.

ކޮޓަރިތެރެ ފެންނަނީ ވަރަށް އަނދިރިކޮށެވެ. ނައިރާ ގެ ސިނކުޑީގައި ވަނީ އެ އަޑުއިވުނީ މީދަލެއްގެ ސަބަބުން ކަމަށެވެ. ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. ނަމަވެސް ރަތް ބޮކީގެ އަލި މަޑުކަމުން ކިރިޔާ ތަނެއް ފެންނަވަރު ވަނީއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމަށްފަހު އެއްޗެއް ފެންނަން ނެތުމުން ދޮރުލައްޕަން ދޮރު ގާތްކޮއްލި ވަގުތު ނައިރާގެ ލޮލުގައި ބިންމައްޗަށް ވެއްޓިފައިއޮތް ފޮތެއް އަޅައިގަތެވެ. އެފޮތަށް އޭނާ ޝައުގުވެރި ވިއެވެ. އެހެނީ އެފޮތަކީ ދުވަހަކުވެސް ނުދެކޭކަހަލަ ގޮތަކަށް އޮތް ވަރަށް ދުވަސްވީ ފޮތެކެވެ.

ފޮތުގެ ބޭރުގަނޑު ވަނީ މުށި ކުލައެއްގައެވެ. ތަންތަން ކޮޅުން ގަދަ ފެހިކުލަ ފެންނަން ހުއްޓެވެ ހީވަނީ މޫދު ފެހިޖަހާފައި ހުރިހެންނެވެ. އަދި ހިމަ ވާކޮޅަކުން ފޮތް އައްސާލާފައި ވެއެވެ. ނައިރާ މާމަގެ ކޮޓަރި ތެރެއަށް ވަދެ އެފޮތްނަގާ އޭގައިވާ ހިމަ ވާކޮޅު މޮހެލާން ހިފާލި ވަގުތު މާމަގެ ކޮޓަރީގެ ބޮކި ނިވި ދިއްލުނެވެ. އަދި ކަންފަތުގައި މާމަގެ އަޑު ޖެހުނުހެން ވެސް ހީވިއެވެ.

"ނުހުޅުވާ....."

އަނެއްކާވެސް އެ ވައި އަޑު ކަންފަތުގައި ޖެހުނެވެ.

ނައިރާ އެނބުރި މުޅި ކޮޓަރިތެރެ ބަލާލިއެވެ. އެއްވެސް ކަމެއް ފާހަގަ ނުވުމުން އަނބުރާ ފޮތުގެ ވާކޮޅު މޮހެލިއެވެ.

ހިރަފުސް އަރާފައިވާ ފޮތުގެ ގަނޑު ފޮޅާލަމުން އޭގައި ލިޔެފައިވާ އެއްޗެއް ކިޔޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މާމަކޮޓަރީގެ އަލިފަނޑުކަމުން އެކަންވާގޮތެއް ނުވިއެވެ. އޭނާ އެ ފޮތް ހިފައިގެން ސިޓިންގރޫމުގެ ގޮނޑީގައި އިށީނެވެ. ނައިރާ އެފޮތުގައި ލިޔެފައިވާ އެއްޗެހި ކިޔަމުން ދިޔައެވެ. އޭގައިވަނީ އެކި ތާރީޙް ތަކުގައި އެކި މީހުންގެ ނަންނަމުގައި ގޮތްނޭންގޭ އަޑުތަކެއް އެމީހުންނަށް އިވިފައިވާ ކަމުގެ ރެކޯޑްކުތަކެކެވެ.

އޭނާއަށްވެސް ފަޅުން މިރޭއިވުނީ ހަމަ މިމީހުންނަށް މި އަޑުއިވިފައިވާ އަޑުބާއެވެ؟

ފޮތުގައިވާ މައުލޫމާތުތައް ބަލަމުން ދިޔަދިޔަހެން ވަރަށްގިނަ ކަންކަން އޭނާއަށް ފާހަގަވިއެވެ. ލިސްޓުގައިވާ ބައެއް ނަންތައް ކަނޑާލާފައިވުން އޭނާއަށް ވަރަށް ފާހަގަވިއެވެ. ލިސްޓުގެ އެންމެ ފަހަތުގައި އިން ދެ ނަމަކީ މާމަގެ ނަމާއި ފާތުމާދީގެ ނަމެވެ. ނައިރާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެކަމަކުވެސް އެ ސުވާލުތައް ކުރަން މިއަދު މާމައެއް ނެތެވެ. ފޮތް ލައްޕާލަން އުޅުނު ވަގުތު ލިސްޓަށް ނަމެއް އިތުރުވާން ފެށިއެވެ. ނައިރާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ބިރުން ފޮތް އެއްލާލެވުނެވެ. އެ ފޮތުގައި އަމިއްލައަށް ނައިރާގެ ނަމާއި ރޭގެ ތާރީޙް ލިސްޓަށް އިތުރުވިއެވެ.

މިއީ ކޮންކަހަލަގެ ފޮތެއް ބާވައެވެ؟

ލިބުނު ސިހުމާއެކު އޭނާއަށް ގުޑިލަންވެސް ނޭންގިފައި ހުއްޓެވެ. ދުރުގައި އޮތް ފޮތަށް އަނެއްކާވެސް އޭނާ ބަލާލިއެވެ. ހީވިގޮތެއްތޯ ބަލަން އޭނާ ބޭނުން ވިއެވެ. މަޑު ހިނގުމެއްގައި ގޮސް ބިންމައްޗަށް ތިރިވެހުރެ އެފޮތް ހުޅުވާލިއެވެ. ހީވިއެއްޗެއް ނޫނެވެ. ހަމަ ނައިރާގެ ނަން އެ ލިސްޓުގައި އެބަ އިނެވެ. ބިރުންގޮސް ނައިރާގެ ލޮލުން ފެން އައެވެ. ވާނުވާ ނޭނގޭ އާދަޔާ ޚިލާފު އެތައް ކަމެއް ރަށަށް އައި ފަހުން އޭނާއާއި ކުރިމަތި ވެއްޖެއެވެ. އޭނާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ދޭނެ މީހަކު ނެތެވެ.

ވަރަށް ހިތްވަރުކޮށްފައި އެ ފޮތް ހިފައިގެން ތެދުވިތަނާ ފޮތުގެ ތެރެއިން ފޮޓޮއެއް ވެއްޓުނެވެ. ގުދުވެ އެ ފޮޓޯނަގާ އެއަށް ބަލަން އޭނާ ވަރަށް ފުން ވިސްނުމެއްގައި ހުއްޓެވެ.

ނުނިމޭ...

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް