ޚިޔާލީ •

އާރާ | އެޕިސޯޑް 1

އާރާ | އެޕިސޯޑް 1

އޭއައި ޖެނެރޭޓެްޑް ފޮޓޯއެއް

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ފިނީގެ ތެރެއަށް އާރާ ނުކުމެލީ އެނދުގައި އޮވެ ފުރޮޅި ފުރޮޅި އެއްގޮތަކަށްވެސް ނިދި ނައިސްގެންނެވެ. އުޑުގައިވާ ތަރިތަކަށް ބަލަން އާރާ ހުރީ އޭނާގެ ގޭގެ ދެވަނަ ބައިގެ ބެލްކަނީގައެވެ. އޭނާ ތަރިތަކަށް ބަލަން ހުރެ ލަވައެއް ކިޔާލަ ކިޔާލާ ހުއްޓެވެ. އުމުރުން 18 އަހަރުގެ  އާރާ އަކީ ލޫޅާފަތި ހަށިގަނޑެއް ލިބިގެންވާ ފުރިހަމަ ކުއްޖެކެވެ. އޭނާގެ ކަޅުކުލަ ގަދަ،  ދިގު، ފަން އިސްތަށިގަނޑު ވައިގެ ތެރެއަށް ވިހުރޭން ދޫކޮށްލައިގެން ބެލްކަނީ އަތް އަޅައިގެން ލަވަކިޔަމުންދާ މަންޒަރަކީ ހަމަ ޔަގީނުންވެސް މީހަކު ބަލާ ފޫހިނުވާނެ މަންޒަރެކެވެ. އެއީ އާރާގެ އާދައެކެވެ. ހިއްގައިމު އަޑެއް ލިބިފައިވާ އާރާގެ ކަމަކަށް އޮންނަނީ އެކަނި ވެއްޖެނަމަ ލަވަކިޔުމެވެ. އުޑުގައި ތަރިތަށް ފިޔަޖަހަޖަހާ ހުރި އިރު، ގޭތެރޭގައިވާ ގަސްތަކުގެ ތެރެއިން މަޑުވައި ރޯޅި ޖެހެއެވެ. އެތަނުގައި އާރާ އަށް ހުރެވުނީ ކިހާއިރަކުކަން ހުދު އާރާއަށްވެސް ނޭގެއެވެ.  

ބެލްކަނީގައި ހުރެ ފިނިވެގެން ގޭތެރެއަށް ވަންނަން އާރާ ހިނގައިގަތް ތަނާ ބެލްކަންޏާ ދާދި ކައިރިން ހައްދާފައި ހުރި އަނބުގަހުގެ އިފިގަނޑެއްގައި އިން ދޫންޏެއް ލޮލުގައި އަޅައިގަތެވެ. އާރާ އަށް ހުއްޓި އެ ދޫންޏަށް ބަލާލެވުނެވެ. ފަނޑުއަލީގެ ތެރެއިން އެ ދޫނި އެއީ ކޮންކަހަލަ ދޫންޏެއްކަން ބުނަން އާރާއަކަށް ނޭނގުނެވެ. ނަމަވެސް އެ ދޫނީ  އާރާއަށް ބަލާކަން އިހްސާސްވިއެވެ.  "އަހަރެން ލަވަކިޔާ އަޑު އަހަންތަ ދޫނި ތިހުރީ؟" ސަމާސާ ރާގަކަށް އެހެން ބުނެލަމުން އާރާ ގޭތެރެއަށް ވަނެވެ. އާރާ ގޭތެރެއަށް ވަނުމުން ދޫނި އުދުހިގެން ގޮސްގެއްލިއްޖެއެވެ. އާރާ ކޮޓަރިއަށް ވަދެ ގަޑި ބަލާލިއިރު އަދި ގަޑިން މެންދަމު 3 ޖެހީއެވެ. އާރާ އެނދަށްއަަރާ އޮށޯވެ ލޯމަރާލިއެވެ.

އާރާ ލޯހުޅުވާލީ އަޑެއް އިވިގެންނެވެ. އާރާ އެނދުން ފައިބައިގެން ގޮސް ކޮޓަރީ ކުޑަދޮރުން ބޭރު ބަލާލިއެވެ. ގޭގެ ގޯތިތެރޭގައިވާ ގަސްތަކުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް އެއްޗެއް އަދި މީހެއް ވެސް ފެންނާކަށް ނެތެވެ. އަޑުއައީ ކޮންތާކުންކަން އާރާއަށް ހަމައެއްގޮތަކަށްވެސް ނޭގުނެވެ. އިރުކޮޅަކު ބަލަންހުރެފައި ކުޑަދޮރުކައިރިން ދުރަށް ދާންވެގެން އެނބުރިލިތަނާ އަނެއްކާވެސް އެއަޑު އިވުނެވެ. އާރާ ވަރަށް އަވަހަށް އަޑުއައި ދިމާއަށް ބަލާލިއެވެ. އާރާގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. ހުރިހާ ގަސްތަކުގެ ބުޑުހުރީ ފެހިކުލައިގެ އައްޔަކުން ދިއްލިފައެވެ. އާރާ ލޯ އުނގުޅާލާފައި އަނެއްކާވެސް ބަލާލިއެވެ. ނަމަވެސް މިފަހަރު އެކަހަލަ އެވެސް ކަމެއް ނެތެވެ. އާރާ ގަބޫލުކުރީއެއީ އޭނާ ބިރުގަނެފައި ހުރިވަރުން ފެނުނުގޮތެއް ކަމުގައެވެ. އިރުކޮޅަކު ބަލަން ހުރެފައި އެއްވެސް އާދަޔާ ޙިލާފު ކަމެއް ނުފެނުމުން އާރާ ގޮސް އެނދުގައި އޮށޯވެލިއެވެ. 

އާރާ އަށް ހޭވެރިކަންވީ އާރާގެ މަންމަ ހުސްނާ އައިސް ދޮރުގައި ޓަކިދިން އަޑަށެވެ. ފަތިސްނަމާދު ކުރުމަށް އާރާގެ މަންމަ ބުންޏެވެ. އާރާ އެދުން ނުތެދުވެ އޮވެ ހޭލާ އޮތް ވާހަކަ މަންމަ ގާތު ބުނެލިއެވެ. އިރުކޮޅަކު ރޭގައި ފެނުނު މަންޒަރާ ދޭތެރޭ އޭނާއަށް ވިސްނަން އޮވެވުނުވެ. ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަށް އޭނާގެ ހިތެއް ގަބޫލެއް ނުކުރިއެވެ. ހިޔާލުގެ ތެރެއަށް ގެއްލިފައި އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއް އާރާއަށް ވެސް ނޭންގުނެވެ. ކުޑަދޮރުން ކޮޓަރިތެރެއަށް އަލި ފާއްދާލުމުން އާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަހަށް ތެދުވެގަޑި ބަލާލި އިރު އިރުއަރަން ވަރަށް ވަގުތު ކުޑަތަންވެއްޖެއެވެ. އަވަސްކޮށްލައިގެން ފާހަނައިން ނުކުމެ ނަމާދުކޮށްލިއެވެ. 

ނަމާދުކޮށް އަވަދިވެގެން އާރާ ތިރިއަށް ގޮސް މަންމަ އަށް އެހީވުމަށް އަވަސްވެގަތެވެ. އާދައިގެ މަތިން އިލޮށިފަތި ހިފައިގެން އާރާ ގޭގެ ގޯތިތެރެއަށް ނުކުމެ ކުނިކަހަން ފެއްޓިއެވެ. އާރާ ކުނިކަހަމުން ގޮސް ގޭގައި ހައްދާފަހުރި ގަސްތަކާ ދިމާއަށް ދިޔައެވެ. ކުނިކަހަން އޮތްއިރު އާރާއަށް އާރަގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. އާރާ ފަހަތަށް އެނބުރިލަމުން "މަންމާ ބިލަމަގު ކޮޅެއް ބިނދެދެން…ވީ..." އާރާގެ ބަސް ހުއްޓުނެވެ.

ނުނިމޭ...

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް