Article Image

ހިތާމަވެރި

ހިތިކަމުގާ | އެޕިސޯޑް 2

އަހަރެން ވީ ދެރައިން ދުވެފައިގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެންނަށް ކުރެވުނު ކުށްހީއަކީ އަހަރެން ކޮބައިތޯ ބަލަން މަންމަ ނޫނީ ބައްޕަ އަންނާނެ ކަމެވެ. އެކަކުވެސް ނައެވެ. އަހަރެންގެ އެ ކުޑަކުޑަ ހިތުގައި ފުރަތަމަ ފަހަރަށް ރިއްސާލިއެވެ. އެދުވަހު ލޯގަނޑު ކުރީމަތީގައި ހުއްޓިހުރެ އަހަރެންވެސް އަހަރެންގެ ސިފައަށް ބެލީމެވެ. ބެލިބެލިހެން މަންމަ ބުނި ވާހަކަތައް ގަބޫލުކުރެވުނެވެ.

ދެވަނަބައި…

އަހަރެން ވީ ދެރައިން ދުވެފައިގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެންނަށް ކުރެވުނު ކުށްހީއަކީ އަހަރެން ކޮބައިތޯ ބަލަން މަންމަ ނޫނީ ބައްޕަ އަންނާނެ ކަމެވެ. އެކަކުވެސް ނައެވެ. އަހަރެންގެ އެ ކުޑަކުޑަ ހިތުގައި ފުރަތަމަ ފަހަރަށް ރިއްސާލިއެވެ. އެދުވަހު ލޯގަނޑު ކުރީމަތީގައި ހުއްޓިހުރެ އަހަރެންވެސް އަހަރެންގެ ސިފައަށް ބެލީމެވެ. ބެލިބެލިހެން މަންމަ ބުނި ވާހަކަތައް ގަބޫލުކުރެވުނެވެ. އުމުރުން ކުޑަނަމަވެސް މަންމަގެ އެ ބަސްތައް އަހަރެން ދެނެގަތީމެވެ. ތެދެކެވެ. އަހަރެންނަކަށް ދައްތައާއި ބޭބެއަށް ލިބިފައިވާ ކަހަލަގެ ފުރިހަމަ ރީތިކަމެއް ލިބިފައެއް ނުވެއެވެ. އެހެން ހިތައްއެރުމާއެކު އަނެއްކާވެސް އަހަރެންގެ ލޮލުން ކަރުނަ އައެވެ.

އަހަރެންނަށް ހޭވެރިކަންވީ ދައްތަ އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. ލޯ އުނގުޅާލަމުން އަހަރެން ބަލާލިއިރު ދައްތަ ހުރީ ދޮރުކައިރީ ލެގިލައިން ފާޑަކަށް ހިނިއައިސްފައެވެ. "ކޮބާ މަ އޭރުވެސް ބުނީމެއްނު ކަލޭ ދެކެ މަންމަ ރުޅިއާދެއޭ. ގަބޫލެއްނުކުރާނެ އަދި މީނަ. މިހާރު ކުރެވިއްޖެދޯ?" އަހަރެންނަށް އެއްޗެކޭ ބުނެވޭގޮތެއްނުވިއެވެ. އިސްދަށަށް ޖަހައިގެން ހުރެވުނީއެވެ.

"އޭއި… އާދެބަލަ މަންމަ އެބަގޮވާ." ފޫހިގޮތަކަށް މިހެން ބުނެފައި ދައްތަ ހިނގައިގަތެވެ. ދައްތަގެ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ. ސިޓިންގރޫމުގައި މަންމަ ހުއްޓެވެ. މަންމަ ފެނިފައި އަހަރެންނަށް މިއަދު ކުރެވުނީ އެހެންކަހަލަގެ އިޙުސާސެކެވެ.

ސިޓިންގރޫމުގައި ވަނީ ހަމަހިމޭން ކަމެވެ. މަންމަ ވެސް އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. ވަގުތު ފާއިތުވި ވަރަކަށް އަހަރެންގެ ހިތް ނުތަނަވަސް ވާންފެށިއެެވެ. "މާންމާ… ކިހިނެއް…".

"މަށަކީ ކަލޭގެ މަންމައެއް ނޫން. މަގޭ ދަރިއެއްނޫންތީކީ. މީގެ ފަހުން މަށަށް މަންމަ ނުކިޔާތި." އަހަރެންގެ ސުވާލު ފުރިހަމަ ނުވަނީސް މަންމަ އަހަރެންނަށް ރުޅިވެރިކަމާއެކު ޖަވާބުދިނެވެ. އަހަރެން ބިރުގަތެވެ. މަންމަ އަހަރެންނާއި ދިމާލަށް އަންނަން ހިނގައިގަތެވެ. އައިސް އަހަރެންގެ އިސްތަށިގަނޑުގައި ހިފައެވެ. ވީ ތަދުން އަހަރެންނަށް ރޮވުނެވެ. މަންމަގެ އަތުގައި ހިފައި ދޫކޮށްލުމަށް އެދުނީމެވެ. ނަމަވެސް މަންމަ އަހަރެން ދަމާފައި ކަހަލަގޮތަކަށް ގެންގޮސް ސްޓޯރޫމް ތެރެއަށް ކޮއްޕާލިއެވެ. އަދި ދޮރު ލައްޕާފަ ބޭރުން ތަޅުލިއެވެ.

އަހަރެން އަނދިރީގައި ހުންނަށް ވަރަށް ބިރުގަނެއެވެ. ގަތް ބިރުންނާއި ވީ ދެރައިން ރޮމުން އަހަރެން ދޮރުގައި ތެޅީމެވެ. ހުޅުވުމަށް އެދި މަންމަ ގާތުގައި އާދޭސްކުރީމެވެ. ނަމަވެސް އެއަޑުއަހަން މަންމަ އެތާކު މަޑެއް ނުކުރެއެވެ. އެތައްއިރަކު ރުއިމަށްފަހު އަހަރެންގެ ލޮލުން ކަރުނަ ހުސްވީކަމެއް ނޫނީ އަހަރެން ސަލާމަތްކުރަން މީހަކު ނާންނާނެކަން ގަބޫލުކުރެވުނީ ކަމެއްނޭނގެއެވެ. އަހަރެން އާދޭސްކުރުމާއި ރުއިންހުއްޓުނެވެ.

އަހަރެން ފަހަތައް އެނބުރި ސްޓޯރޫމް ތެރެއަށް ބަލާލީމެވެ. އެތާނގައި ވަނީ ކަޅު އަނދިރި ކަމެވެ. އަނެއްކާވެސް އަހަރެން ބިރުގަތެވެ. ދޮރުގައި ލެގިގެންހުރެ އަހަރެން ތިރިވެ ދެފައިގައި ބައްދާލައިގެން މޫނު ފޮރުވައިގެން އިނީމެވެ. ކުރެވުނު ކުށެއް ނޭންގެއެވެ. ކަންތައްތައް ބަދަލުވެގެން ދިޔަލެއް އަވަސްކަމުން އަހަރެންހުރީ ވާނުވާގައެވެ. މަންމަ ކިތަންމެ އަހަރެންނާއި ދުރުން އުޅުނަސް މިނޫނީ ބާރަށް އެއްޗެއްބުނެ އަނިޔާއެއް ނުކުރެއެވެ. ދައްތަ ދުރުގައި ހުރެ މަލާމާތް ކުރިކަންވެސް އަހަންނަށް އެނގެއެވެ. އެކަމާ އަދި ވަކިން ދެރަވިއެވެ.

އެރޭ އެއްކޮށް އަހަރެން ހޭދަކުރީ އެ ކަޅު އަނދިރި ސްޓޯރޫމްގައެވެ. އަހަރެންނަށް ހޭވެރިކަންވީ ހެނދުނުވެގެން ސްޓޯރޫމްތެރެއަށް އަލިކަމެއްވީ ހިސާބުންނެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ މަންމަ ދޮރު ހުޅުވާނެ އިރަކަށެވެ. އެތައް އިރެއްވަންދެން އެ އިންތިޒާރުގައި އަހަރެން ހުރީމެވެ. ނަމަވެސް އެ ދޮރު ހުޅުވާނެ މީހަކު ނުވިއެވެ. އަހަރެން ތެދުވެ ސްޓޯރޫމް ތެރެ ބަލަން ފެށީމެވެ. އަހަރެންގެ މަގުޞަދަކީ ފާހަނައެއް އިންތޯބެލުމެވެ. ސްޓޯރޫމްއަކީ ކުރީގެ މެއިޑްރޫމް ކަމުން ފާހަނައެއް ހުއްޓެވެ. އަހަރެން ހުރީ ރޭންސުރެއް ފާހަނައަށް ވަނަން ބޭނުންވެފައެވެ.

ފާހަނައިން ނުކުމެ އަނެއްކާވެސް ދޮރުކައިރީ އަހަރެން އިށީނީމެވެ.

- ނުނިމޭ -

ލިޔުންތެރިޔާ

ލުބާނާ ޙުސައިން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ